ގައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައި ގައުމީ ރޫހާއިއެކު ކުޅުމަށް މިނިސްޓަރ އެދިވަޑައިގެންފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާ ބައްދަލަކުރައްވާ، ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ހިތްވަރުދެއްވައިފިއެވެ.

މިނިސްޓަރު ގައުމީ ޓީމާއި ބައްދަލުކުރައްވާ ހިތްވަރުދެއްވާފައި މިވަނީ އިންޑިއާއާ ދެކޮޅަށް މިމަހުގެ 19 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗާއި، އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި މިމަހުގެ ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަދަނޑިވަޅުގައެވެ.

އިންޑިއާ އަށް ފުރުމުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ގައުމީ ޓީމާ ބައްދަލުކުރައްވާ ރާފިޢު ވަނީ ފުޓްބޯޅަ ސީޒަން ނުފެށި އޮތް ދަނޑިވަޅެއްގައި ގައުމީ ޓީމެއް އެކުލަވާލަން ޖެހުނުނަމަވެސް، ކުޅުންތެރިންނާއި ކޯޗުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވަނީ ގައުމީ ޓީމް ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ކުޅިވަރުގެ ރީތި އަހުލާގާއި، ގައުމީ ރޫހާއިއެކު ކުޅުމަށް، ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރަން ޖެހުނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ، އެ އިދާރާ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދަރަނިވެރިވުމުންނެވެ. ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއިއެކު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ސަރުކާރުންވެސް އަންނަނީ އެފްއޭއެމަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވަމުންނެވެ.

މިގޮތުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކޮށްދެއްވައި، އައު ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައި ވެސް ސަރުކާރުން އަންނަނީ އެހީވަމުންނެވެ.

ޚިޔާލު

އިތުރު ޚަބަރު