ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ ދަރިކަލުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދައްކާތީ މަދަނީ ދައުވާ ކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު ކުރީގެ ބަންޑާރަނައިބު އަލް އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުއެވެ.
އާޒިމާ ވިދާޅުވީ އެމްޑީޕީ އާއި ފައްޔާޒު އަދި މަންދި އަށް މިވަގުތު ދައުވާ ކުރަން ނިންމާފައިވަނީ ރައީސްގެ އާއިލާއާއި ގުޅުވައި ދައްކަމުން ގެންދާ ސާބިތު ނުހިފޭ ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އަދި ރައީސްގެ އާއިލާ އާ މެދު އާންމުންގެ ތެރޭގައި ނުބައި ތަސަައްވުރެއް އުފައްދާ، އިންސާނީ ކަރާމާތް ގެއްލެމުން ދާތީ ކަމަށެވެ.
މިވަގުތު އެ ތިން ފަރާތަށް ދައުވާ ކުރަން ނިންމި ނަމަވެސް އިތުރު ފަރާތްތަކަށް ދައުވާ ކުރަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދައުވާ ކުރުމަށް ކުރަން ޖެހޭ ދިރާސާތަކުގެ އަލީގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދައުވާއަށް ފޮނުވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފާހަގަ ކުރި ތިން ފަރާތާއި ކާކުކަން ނޭނގޭ ގޮތަށް އާއިލާއާ ގުޅުވައި ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ފަތުރާ ދޮގު ވާހަކަތައ ްވެސް ބެލެން ޖެހޭނެ ކަމަށާއި ގައުމެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަން ރާއްޖެއަށް ވެސް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީއިން ރޭގނަޑު މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓު އަދި އެމްޑީޕއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީޅް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލުން ވޭޕް ބޭނުން ކުރާކަން އެނގިގެން އެކަން ހުއްޓުވުމަށް ކަމަށް ބުނެ ސާބިތު ނުހިފޭ ތުހުމަތެއް ކޮށްފައެވެ.
ޚިޔާލު