ސްޓެލްކޯގެ ހަރަދުގައި މިއަހަރު އުމްރާ އަދި ހައްޖަށް ފޮނުވާ މުވައްޒަފުން ހޮވައިފިއެވެ.
އެ މުވައްޒަފުން ހޮވާފައިވަނީ މާރޗު 13 ވަަނަ ދުވަހު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.
ސްޓެލްކޯ އިން ވިދާޅުވީ މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް ވަަރަށްބޮޑު އިޖާބައެއް ލިބިފައިވާ ކަމަށެވެ. އެގޮތުން 102 މުވައްޒަފުން އެކަމަށް އެދި ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން ޝަރުތު ފުރިހަމަވެފައިވަނީ 84 މުވައްޒަފުން ކަމަށެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް އެދި 218 މުވައްޒަފުން ހުށަހަޅާފައިވާއިރު، ޝަރުތު ހަމަވީ 215 މުވައްޒަފުން ކަމަށެވެ.
އެކުންފުނިން 2023 ވަނަ އަހަރާއި ހަަމަޔަށް ހައްޖާއި އުމްރާގެ ފުރުސަތު ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި ފިރިހެން މުވައްޒަފަކަށެވެ. އެހެންނަމަވެސް އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް، ފައިބެއަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވުމަށް ނިންމާފައި ވެއެވެ.
ސްޓެލްކޯގެ ހަރަދުގައި މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ އަހުމަދު ވަހީދު، ކ. ކާށިދޫ އިންޖީނުގެއިން ހަސަން ޒަރީރު، ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އާމިނަތު ޖަލީލާ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ ވިލިމާލެ އަވަށު އިންޖީނުގެއިން ބުންޔާމީން މުހައްމަދު ނަސީރުއާއި އަހުމަދު މުސްތަފާ އަދި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ ޝިފްރާ އިލްހާމްއެވެ.
އެކުންފުނިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.
ޚިޔާލު